މާކުރަތު ސުކޫލް ލަވަ
ޢިލްމު ޙިލްމުން މިތާ އަދު ޖަރީ ވަމާ
ދަރުސުތައްލިބި މިހެން ކުރިއަރައިދަމާ
ފުރުސަތެއް ނުމެނަގާ ގަދައަޅައި ދަމާ
މާކުރަތު ވިދާނެހެން ނަން ފަވާލަމާ
ކާބަފައިންގެ ޙައްޤުގައި މާތްވި އުންމަތަށް
ޖާނުދީ ފިދާވުމަށް ޢަޒުމުގައި ދަމާ
ހަރުދަނާވެ ދީނުގައި ލެއްވި ރަޙުމަތަށް
ޝުކުރުވެރި ކަމާއެކީ ބޯލަނބައި ދަމާ
މާކުރަތު ވިދާނެހެން ނަން ފަވާލަމާ
ހެޔޮގޮތާއި ހިތްވަރާއެކީ ކަމޭހިތައި
ހެޔޮހިތުންމެ ބައިވެރިވެ ރަޙުމުގައި ކުރަމާ
ރީތިހާ މިސިފަތަކުން ރޫޙު ދިރުވަމާ
ލޯބި ޙުއްބުލްވަޠަންގެ ދަރިއަކަށް ވަމާ
މާކުރަތު ވިދާނެހެން ނަން ފަވާލަމާ
މާތްމި ދިވެހި ފަސްގަނޑާ އުޑުގެހިޔަލުގައި
މާތްވި ރިވެތި ޚުލްޤުގައި ހަރުދަނާވެގެން
މާ ހުނަރުވެރި ޢުލޫމީ ފަންނު އާކުރާ
މާތްވި ދިވެހި ހަރުދަނާ ދަރިއަކަށް ވަމާ
މާކުރަތު ވިދާނެހެން ނަން ފަވާލަމާ
ޣާޒީއާއި ހުރަވިއާ އަދި އެއިސްކަންދަރާ،
ފެހި ރަތާ ހުދުން ވިދާ ވިހުރުވޭ ނިޝާން
ރަމްޒުވާ އެސިފަތަކަށް ފަޚުރުވެރި ވަމާ
ދިވެހި ސާފު ލޭ ހިނގާ ދަރިއަކަށް ވަމާ
މާކުރަތު ވިދާނެހެން ނަން ފަވާލަމާ